ނެއްލައިދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ ކައުންސިލް ގުޅިގެން އެރަށުގައި ޢިމާރާތްކުރާ 2 ކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިމަޝްރޫއަކީ، ރަށުކައުންސިލްތަކާ ގުޅިގެން، ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް އަތޮޅު ކައުންސިލުން ނިންމަވާފައިވާތީ ދެކައުންސިލް ޙިއްސާވެގެން އެރަށުގެ މާއްލިޔަތު އިތުރުކުރުމަށް ޢިމާރާތް ކުރާ އެޕާރޓްމަންޓެކެވެ.

މިކަމަށްޓަކައި. 23 ޖަނަވަރީ 2017 ވީ އަންގަރަދުވަހު ނެއްލައިދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަލްފާޟިލް އިބުރާހިމް ނާޒިމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފް ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ވަރަށް ތާރީޚީ މަސައްކަތެއް ކަމަށާއި އުންމީދުކުރައްވަނީ ވީހާވެސް އަވަހަކަށް މި މަޝްރޫޢު ނިމި، އޭގެ ފައިދާ ރައްޔިތުންނާއި ކައުންސިލަށް ލިބިގެން ދިއުން ކަމަށެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލްތަކުގެ ބަޖެޓަށް ލުއިކަމެއް ލިބި، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އާތިފް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުން ނިންމަވާފައިވަނީ، މިފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދެވުމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 5 ރަށެއްގައި މި މަޝްރޫއު ހިންގަން ހަމަޖެހިފައިވާއިރު އަންނަ އަހަރު 4 ރަށެއްގައި އަދި 2020 ވަނަ އަހަރު 4 ރަށެއްގައި މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައެވެ.

ހދ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރު ނިމޭއިރު، ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫއެއް ހިންގެވުމުގެ މަޤުޞަދުގައި، އަދި ނެއްލައިދޫ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ހިންގޭ މިމަޝްރޫއަކީ ތިންލައްކަ ތިރީސްހާސް ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއަށް ހދ. އަތޮޅު ކައުންސިލުން 53 އިންސައްތަ ޙިއްސާވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެއްލައިދޫ، ޖޭ.ޖޭ އިންވެސްޓްމަންޓާއެވެ.

މީގެ ކުރިން ހދ އަތޮޅު ކައުންސިލުން، ރަށު ކައުންސިލްތަކަށް ކޮންމެ އަހަރަކު އެހީއެއްގެ ގޮތުގައި ދެއްވަމުން ގެންގޮސްފައިވަނީ 25،000ރ ގެ ގުރާންޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *