ކުމުންދޫގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓުގެ ބިންގާ އަޅައިފި

ހދ. އަތޮޅު ކައުންސިލާއި ކުމުންދޫ ކައުންސިލް ގުޅިގެން އެރަށުގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

މިމަޝްރޫއު ފެށުމުގެ ގޮތުން 30 ޖަނަވަރީ 2018 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާޠިފެވެ. ކުމުންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުހައްމަދެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފު ވިދާޅުވީ މިއަދު ބިންގާ އެޅިގެންމިދާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސަބަބުން ރަށު ކައުންސިލްގެ މާލިއްޔާއަށް ކޮންމެވެސް ވަރެއްގައި އިތުރުކަމެއް އަންނާނެކަމަށެވެ. މިމަޝްރޫއުގެ ތެރެއިން ރަށަށްވެސް އާމްދަނީ ވަންނާނެ އިތުރު ގޮތެއް ފަހިވެގެންދާނެކަމަށް އާތިފްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ. އާތިފް ވިދާޅުވީ އުންމީދަކީ މި މަޝްރޫއުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށްގޮސް ނިންމާ، އޭގެ ފައިދާއެއް ލިބިގެންދިއުން ކަމަށެވެ. މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށު މާލިއްޔަށް ވަންނަ ފައިސާ އިތުރުކުރެވި، އަތޮޅު ފެންވަރުގައި ބާއްވާ ސެމިނާރތަކާއި ތަފާތު ޓްރެއިންނިގ ޕްރޮގުރާމްތައް ރަށަށް ގެނައުމަށް މަގު ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެކަމުގައި ސަބަބުން އާންމު ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެކަން އަމީން ފާހަގަކުރެއްވި އެވެ.

ކުމުންދޫގައި މިއަދު ބިންގާ އެޅިގެން މިދިޔަ 2 ކޮޓަރީގެ އެޕާޓްމަންޓްގެ އިމާރާތްކުރުމަށް މިއަދު ވަނީ ޖޭޖޭ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވެ އެވެ. މިތަން އިމާރާތްކުރުމަށް ތިން ލައްކަ ސާޅީސް ތިންހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ. އޭގެ ތެރެއިން ޕްރޮޖެކްޓްގެ ހިންގުމުގެ 51% ހަރަދުކުރަނީ ހދ އަތޮޅު ކައުންސިލްގެ މާލިއްޔަތުންނެވެ. ބާކީ 49% ހަރަދުކުރާނީ ކުމުންދޫ ކައުންސިލުންނެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދާ ތަރައްޤީގެ މިމަޝްރޫއުތަކުގެ ބޭނުމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *