ނޮޅިވަރަމުގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ ބިންގާ އަޅައިފި

ހދ. އަތޮޅު ކައުންސިލާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން އެރަށުގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

މިމަޝްރޫއު ފެށުމުގެ ގޮތުން 20 ފެބުރުވަރީ 2018 ވީ އަންގާރަ ދުވަހު ނޮޅިވަރަމުގައި ބޭއްވި ރަސްމިއްޔާތުގައި، ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފެވެ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފު ވިދާޅުވީ މިއަދު ބިންގާ އެޅިގެންމިދާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސަބަބުން ރަށު ކައުންސިލްގެ މާލިއްޔާއަށް ކޮންމެވެސް ވަރެއްގައި އިތުރުކަމެއް އަންނާނެ ކަމަށެވެ. މިމަޝްރޫއުގެ ތެރެއިން ރަށަށްވެސް އާމްދަނީ ވަންނާނެ އިތުރު ގޮތެއް ފަހިވެގެންދާނެކަމަށް އާތިފްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

324،000ރ ހަރަދުކޮށްގެން ހަދާ މި ދެ ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރަން ހަވާލުކޮށްފައިވަނީ އަލްނާ ކާޕެންޓަރއާ އެވެ.

ރަށްރަށުގެ މާލިއްޔަތު އިތުރު ކުރުމަށް، ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ހިންގާ ޕްރޮޖެކެޓްގެ ދަށުން މިހާރު ހަތަރު ރަށެއްގައި މަސައްކަތް ފަށާފައި ވެއެވެ. އެއީ ނޮޅިވަރަމްގެ އިތުރުން ނެއްލައިދޫ އާއި ކުމުންދޫ، ކުޅުދުއްފުށި އަދި ނޭކުރެންދޫ އެވެ.

މި މަޝްރޫއު ހިންގުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް 175،000ރ ޚަރަދު ކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *