ކުރިނބީގައި ޢިމާރާތްކުރާ 2 ކޮޓަރީގެ އެޕާރޓްމަންޓުގެ ބިންގާ އަޅައިފި

ހދ.އަތޮޅު ކައުންސިލާއި، ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ޢިމާރާތްކުރާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އަޅައިފިއެވެ.

19 މާރޗް 2019 ވީ ހޯމަދުވަހު ކުރިނބީގައި އޮތް ރަސްމިއްޔާތެއްގައި މި ޢިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާހެވެ.

ކުރިނބީ ކައުންސިލަށް އަމްދަނީ ހޯދުމުގެ މަޤްޞަދުގައި ޢިމާރާތްކުރާ މިއެޕާޓްމަންޓް ހެދުމަށް އަތޮޅު ކައުންސިލްގެ 175000 ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، ކުރިނބީ ކައުންސިލުން 309450ރ ހަރަދުކުރާނެ އެވެ. 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް، މިޢިމާރާތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެރަށު ހާވިލާ ކޮންސްޓަރަކްޝަން ކޮމްޕެނީއާ އެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ހަސަން ވިދާޅުވީ ހދ އަތޮޅު އޮފީހުގެ ތާރީހުގައިވެސް އެންމެ ބޮޑު ހޭދައެއް ރަށްރަށަށް ކުރަނީ މި ދައުރުގައި ކަމަށާއި މި މަޝްރޫއު އަތޮޅުގެ 13 ރަށުގައި ހިންގުމަށް އަތޮޅު ކައުންސިލްގެ މާލިއްޔާއިން މިލިއަނުން ހަރަދުވާނެ ކަމަށެވެ. ކައުންސިލުން މަސައްކަތް ކުރަނީ، ރަށްރަށުގެ ތަރައްޤީއަށް ހޭދަކުރާ ފައިސާ އިތުރުކުރުމަށް ކަމަށާއި، އެގޮތުން މިއަހަރު އަތޮޅު ކައުންސިލަށް ލިބޭ އަމްދަނީ 25 އިންސައްތަ އިތުރުވެގެން ދާނެކަމަށް ހުސައިން ހަސަން ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، މިއީ 27 ހާސް މީހުންގެ އާބާދީއެއް އޮތް އަތޮޅެއް ކަމަށާއި، ބޮޑު ތިލަދުންމަތީގެ ބަސްކިޔާ އެންމެ އިސްއަތޮޅަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ. މިއަތޮޅުގެ ތަސައްވުރެއް އެކުލަވާލުމަށްޓަކައި، ކައުންސިލުތަކުގެ ބައްދަލުވުމެއް މިމަހުގެ 26 ން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އަތޮޅުގެ 2030 ގެ ތަސައްވުރެއް އޮންނަންޖެހޭ ކަމަށާއި، އެތަސައްވަރުގައި ކުލަޖައްސާނީ، ހުރިހާ ކައުންސިލު ތަކުން ކަމަށެވެ. މީގެ އިތުރުން، ކުރިނބީ ބަނދަރު އެއްގަމު ވާޓަރުގެ ތޮށިގަނޑު ހަލާކުވެފައިވާތީ، އެކަން ޙައްލު ކުރުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފުރާހް ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލްތަކަށް މަތިކޮށްފައިވީނަމަވެސް ކައުންސިލްތަކަށް ލިބޭ ބަޖެޓުން އެ ކަންތައްތައް ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެހެންކަމުން ކައުންސިލުން މަސައްކަތް ކުރަމުންދަނީ އާންމުދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށާއި މިއަދު ބިންގާ އެޅުނު މި ދެ ކޮޓަރީގެ އެޕާޓްމަންޓުން ކައުންސިލްގެ މާލިއްޔާއަށް އަހަރަކު 60،000ރ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެކަމުގެ މަންފާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބޭނެކަމަށް އަފްރާހު ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިއަހަރު 3 ރަށެއްގައި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ނައިވާދޫގައި ތަރައްޤީ ކުރާ ކުޑަކުދީންގެ ޕާކުގެ މަސައްކަތް 03 މާރިޗު 2019 ގައި ވަނީ ފަށާފައެވެ.

ފޭސްބުކް