ކައުންސިލްގެ ރައީސަކަށް މުޙައްމަދު ވަސީމު، ނާއިބު ރައީސަކަށް ޢަލީ މުޙައްމަދު އިންތިޚާބު ކޮށްފި

ހދ.އަތޮޅު ކައުންސިލްގެ ރައީސަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ވަސީމު، އަދި ނާއިބު ރައީސަކަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙައްމަދު އިންތިޚާބު ކުރައްވައިފިއެވެ.

އަތޮޅު ކައުންސިލްގެ ރިޔާސަތު އަލުން އިންތިޚާބު ކުރައްވާފައިވަނީ، ރައީސާއި ނާއިބު ރައީސްގެ ދައުރު 02 ޖޫން 2020 ގައި ހަމަވެފައިވާތީ، 05 ޖޫން 2020 ވީ ހުކުރު ދުވަހު 2:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު ހދ.އަތޮޅު ކައުންސިލްގެ 141 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

މިޖަލްސާގައި، ރައީސްގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލުމުން، އެމަޤާމަށް ކުރިމަތި ލައްވާފައިވަނީ ހަމައެކަނި މުޙައްމަދު ވަސީމެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 5 މެމްބަރުންގެ ތެރެއިން، މުޙައްމަދު ވަސީމު މިމަޤާމަށް އިންތިޚާބު ކުރުމަށް ފެންނަ ކަމަށް 4 ވޯޓު އަދި ނުފެންނަ ކަމަށް 1 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ނާއިބު ރައީސްގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލި ފުރުޞަތުގައި 2 ބޭފުޅަކު ކުރިމަތި ލެއްވިއެވެ. އެއީ މަކުނުދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ޢަލީގެ އިތުރުން، މިހާރުވެސް ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި، ހަނިމާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙައްމަދެވެ. ނާއިބު ރައީސަކަށް ޢަލީ މުޙައްމަދު އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ ތެރެއިން 4 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.

ހދ.އަތޮޅު ކައުންސިލްގެ ހިންގާ ޤަވާއިދުގައިވާ ގޮތުން، ރައީސާއި، ނާއިބު ރައީސްގެ ދައުރުގެ މުއްދަތަކީ 1 އަހަރެވެ.  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 02 ޖޫން 2020 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަޤާމާ ޙަވާލުވަންދެން، 3 ޖޫން 2020 ގެ ފަހަށް ހޭދަވާ އިންތިޤާލީ މުއްދަތުގައި މިހާރުގެ ކައުންސިލަރުން ދެމިތިބޭނެއެވެ.

Tags:
ފޭސްބުކް