ގެމެން ޕޯޓަލް ބޭނުން ކުރުމަށް އަތޮޅު ރަށްރަށުގެ މުވައްޒަފުން ތަމްރީނު ކޮށްފި

ރަށްރަށުގެ ވިހާމަރުވާއާއި، ގެދޮރުގެ މަޢުލޫމާތު އަދި ރަށްވެހިންގެ މަޢުލޫމާތު ބެލެހެއްޓުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އެންސީއައިޓީން ތައްޔާރުކުރި އޮންލައިން ޕޯޓަލް، “ގެމެން” ބޭނުން ކުރުމަށްޓަކައި، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކައި ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ތަމްރީނު ކޮށްފިއެވެ.

މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ، ނޮވެމްބަރ 3 ން 9 އަށް ހދ.އަތޮޅު ކައުންސިލްގެ ވަފުދެއް، ހުރިހާ ރަށަކަށް ދަތުރު ކޮށްގެންނެވެ. މި ތަމްރީނުގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިހާ މަރުވާ މީހުންގެ މަޢުލޫމާތު ރެކޯޑު ކުރާނެ ގޮތާއި، ފޫޅުމާފޯމާއި، މަރުފޯމު ޖެނެރޭޓް ކުރާނެގޮތުގެ އިތުރުން، ގޭގޭގެ މަޢުލާމާތާއި، ރަށްވެހިންގެ މަޢުލޫމަތު އަލާނެގޮތް ޢަމަލީގޮތުން ކުރިއަށް ގެންގޮސްފައިވެއެވެ.

އޮންލައިން ސިސްޓަމް ބޭނުން ކުރަން ފެށުމުން، އުފަންދުވަހުގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެހިންގެ ރަޖިސްޓްރީ ފަދަ ލިޔުންތައް މިސިސްޓަމުން ތައްޔާރު ކުރެވޭނެއެވެ. އަދި ރަށުގެ އަބާދީގެ މަޢުލޫމާތު ބެލެހެއްޓުން ފަސޭހަވެ، އެކި އިދާރާތަކުން ބަލަހައްޓާ ރިކޯޑުތައް މިހާރަށްވުރެ ޞައްޙަވެ، އަދާހަމަ ވާނެއެވެ.

ގެމެން ޕޯޓަލް ބޭނުން ކުރަން ފެށުމާއެކު، މިހާރު ރީޖަނަލް ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު އަދި ކައުންސިލްތަކުން ފޫޅުމާފޯމައި، މަރުފޯމު އަދި އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓް ތައްޔާރު ކުރާނީ މި އޮންލައިން ސިސްޓަމުންނެވެ.

ފޮޓޯ އަލްބަމް: ގެމެން ޕޯޓަލް ތަމްރީނު އަދި ބޭނުން ކުރަން ފެށުން

ފޭސްބުކް