ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ނިންމަވައިފި

ބޮޑުތިލަދުންމަތީގެ ތަރައްޤީއާއި ތިންއަތޮޅުގެ މާލީ ފުދުންތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ނިންމަވައިފިއެވެ.

މި އެމް.އޯ.ޔޫ ގައި ސޮއިކުރުމަށް ނިންމަވާފައިވަނީ، ހދ.އަތޮޅު ކައުންސިލްގެ އިސްނެންގެވުމުގެ މަތީން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަދި ހއ، ހދ، އަދި ށ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެން 02 ސެޕްޓެމްބަރ 2021 ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައެވެ.

ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު ވިދާޅުވި ގޮތުގައި މި އެމް.އޯ.ޔޫގެ މަޤްޞަދަކީ 3 އަތޮޅުގެ ތަރައްޤީއަށާއި، މާލީ ފުދުންތެރިކަމާއި އިތުރުކޮށްގެން މިސަރަޙައްދުގެ ބާރުވެރިކަން ހޯދުމާއި، މިކަންކަމަށް ހުރި ހުރަސްތައް ނައްތާލައި ކައުންސިލްތައް ގުޅިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަންތައްތަކެއް ކުރުން ކަމުގައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤު ވިދާޅުވީ މިބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށާއި، ޒަމާނުއްސުރެ ބޮޑުތިލަދުންމަތި މިހާތަނަށް ވެފައިވަނީ ތާރީޚުގައި އޮންނަ ލަފްޒެއްގެ ގޮތުގައި ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަކީ ވަރަށް ތިޔާގިކޮށް، އަމިއްލަ ގޮތްތަކެއްގައި މާލީ ފުދުންތެރިކަން އިތުރު ކުރަމުން އައި ބައެއް ކަމަށާއި، އަޅުގަނޑުމެންގެ ފިކުރުވެސް ހުރީ މަރުކަޒީ ވިސްނުން ދުރުކޮށް، ލާމަރުކަޒީ ވެގެން ކައުންސިލްތަކުން ނަފާ އިތުރުކޮށްގެން ކަންކަން ކުރުމުގެ ވިސްނުން ކަމަށެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމްވެސް ވިދާޅުވީ އަޅުގަނޑުމެންގެ ދުވަސްވީ ކާބަފައިންނަށް ބަލާއިރު، ބޮޑުތިލަދުންމައްޗަކީ ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތްކުރާ ތަނެއް ކަމަށާއި، މިމަސައްކަތްތައް ކުރަން ނިކުންނައިރު، ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށާއި، ކަމެއް ޙާޞިލުކުރުމަށްޓަކައި ގޮންޖެހުންތަކާ ކުރިމަތިލައިގެން، އެގޮންޖެހުންތައް ގިރާކޮށްގެން ދާބަޔަކީ ކާމިޔާބު ބައެއްގެ ގޮތުގައި ވާނެކަމަށެވެ.

ހދ.އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ސަރަޙައްދުގެ ތަރައްޤީއަށް 4 ކައުންސިލް ގުޅިގެން ކުރެއްވުމަށް ރާވާ ކަންކަމާއި ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. މިބައްދަލުވުމުގައި ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖުގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަލްފާޟިލް މުޙައްމަދު އާޠިފް، ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤު، އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ.

ފޭސްބުކް