ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ ހަނިމާދޫގައި ފަށައިފި

ހދ.އަތޮޅު ތަރައްޤީގެ މަހާސިންތާ، ބުރާސްފަތި ދުވަހު ހަނިމާދޫގައި ފަށައިފިއެވެ.

މިއޮކްޓޫބަރު މަހުގެ 7 ން 9 އަށް ކުރިއަށް ގެންދާ މިމަހާސިންތާގެ މަޤުޞަދަކީ، އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމެވެ.

މަހާސިންތާގެ ޕެނަލިސްޓުންގެ ގޮތުގައި އެލް.ޖީ.އޭގެ ސީ.އީ.އޯ އަފްޝަން ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޢަބްދުލްޤަފޫރު މޫސާއާއި، ނޮޅިވަރަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ގެ އިތުރުން، ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދު ބައިވެރިވެ ވަޑައިގަންނަވައެވެ.

މިމަހާސިންތާގައި އެކި ދާއިރާތަކުން އަތޮޅުގެ ރަށްރަށަށް މިހާރު ދިމާވާ ގޮންޖެހުންތަކާއި ޙާއްލުތައް ދެނެގަނެ 2040 ވަނައަހަރަށް އަތޮޅުގެ ތަރައްޤީގެ ތަޞައްވުރެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދާ މިމަހާސިންތާގައި. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ރަށްރަށުުގެ ކައުންސިލްތަކުގެ ރައީސުން، ނާއިބު ރައީސުން، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނާއި ނާއިބު ރައީސުން އަދި ސްކޫލތަކާއި، ހޮސްޕިޓަލް، ޞިއްޙީ މަރުކަޒުތަކާއި ފެނަކަ ބްރާންޗްތަކުގެ އިސްވެރީންގެ އިތުރުން، ކްލަބް ޖަމްޢިއްޔާތަކާއި، ވިޔަފާރިވެރީން ބައިވެރިވެލައްވައެވެ.

ފޭސްބުކް