ކައުންސިލް އިދާރާ

ހދ.އަތޮޅު ކައުންސިލްގެ އިދާރާ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ، 2011 ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. މިއިދާރާ އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އުފައްދާފައިވާ އަތޮޅު ކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައެވެ.

އަތޮޅު ކައުންސިލް އުފެދުމުގެ ކުރީން، މިއޮފީސް ހިނގަމުން އައީ، އަތޮޅު އޮފީހުގެ ނަމުގައެވެ. އަތޮޅު އޮފީހަކީ، ޤާނޫނު ނަންބަރު: 68/1ޖ. (އޮފިޝަލް ކަންތައްތައް، ޗެޕްޓަރ 1) ގެ 3 ވަނަ މާއްދާގެ (ބ) ގެ ދަށުން އުފެދިގެން އައި އޮފީހެކެވެ. ތިލަދުންމަތި ދެބައި ކުރައްވައި، 21 މެއި 1958 ގައި ހދ.އަތޮޅު އުފައްދަވައި، ނޮޅިވަރަންފަރުގައި އަތޮޅު ވެރިކަން ކުރަން ފެށުނީއްސުރެ އެރަށުގައި އަތޮޅު އޮފީސް ހިނގަމުން އައެވެ. އަތޮޅުގެ ވެރިކަން ކުޅުދުއްފުއްޓަށް ބަދަލުކުރައްވާފައިވަނީ 06 މެއި 1992 ގައެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާފައިވަނީ 05 ފެބްރުއަރީ 2011 ގައެވެ. އަތޮޅު ކައުންސިލް އިންތިޚާބުވުމަށްފަހު، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 10 މެމްބަރުންގެ ތެރެއިން 8 މެމްބަރުން 26 ފެބްރުއަރީ 2011 ގައި މެމްބަރު ކަމުގެ ހުވާ ކުރެއްވި އެވެ. އަނެއް 2 ބޭފުޅުން ހުވާ ކުރެއްވީ، 27 މަރޗް 2011 ގައެވެ.

އަތޮޅު ކައުންސިލަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއަމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ޝަޚްސެކެވެ. އަތޮޅު ކައުންސިލަކީ، ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސްފަރާތެވެ.


ތަޞައްވުރު
މިއަތޮޅަކީ އިޤްތިޞާދީ، އިޖްތިމާޢީ، ޢުމްރާނީ އަދި މުވާސަލާތީގޮތުން ދިރިއުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވި، ތަރައްޤީވެފައިވާ ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އަތޮޅަކަށް ވާނެ.

ލަނޑުދަނޑި
މިއަތޮޅަކީ އިޤްތިޞާދީ، އިޖްތިމާޢީ، ޢުމްރާނީ އަދި މުވާސަލާތީގޮތުން ދިރިއުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވި، ތަރައްޤީވެފައިވާ ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އަތޮޅަކަށް ހެދުން.

ޕޭޖް ބެލި ޢަދަދު: ޖުމްލަ 2,424 , މިއަދު 2 

ފޭސްބުކް